ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެން ކަމަށެވެ. އެގޮތުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދާނަމަ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ވެސް އެމަނިކުފާނު ވަނީ އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ އަދި ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ ބައެއް މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.