ޚަބަރު ރާއްޖެ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފެށުމަށް ނިންމައިފިއެވެ.

 

މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ހައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ފަށާ މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެންކަމަށެވެ.

 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީ ވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ހައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ހައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

 

އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ކޯޓުން އިއްވި ހުކުމްތަކަށާއި، ދާދިފަހުން ތަސްދީގުކުރައްވާ ޢަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށާއި މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނޭކަމަށް ވިދާޅުވިއެވެ.

 

ރައީސް އިތުރަށް ވިދާޅުވީ މި ފަދަ މައްސަލަތަކުގައި ކުރީގެ ސަރުކާރުތަކުން ފަހަތުފަޔަށްބުރަވިކަމުގައި ވިޔަސް، މި ސަރުކާރުން އެއްވެސް ދުލެއް ނުދެއްވާނޭކަމަށެވެ. އަދި އެމަނިކުފާނު ހިންގަވާނީ ގާނޫނުގެ ވެރިކަން ކަމުގައި ވިދާޅުވިއެވެ.

 

 


  • ބިދޭސީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް