ފ. ދަރަނބޫދޫގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ރަނގަޅުފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ދަރަނބޫދޫގެ ތަރައްގީ ޔަގީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފެށި މަޝްރޫއުތަކާއި ކުރިއަށް ހުރި މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިއްޔެ ޢަމަލީ މަސައްކަތް ފެށި ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަސީލަތާއި ޖާގަ އިތުރުވެ، ހިދުމަތްދޭވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެ ބިންގާއެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވާ ވިދާޅުވީ ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
މީގެއިތުރުން ދަރަނބޫދޫގައި މިއަހަރުތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވިއެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމުގައިވާތީ، އެކަމާއި ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާއި އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.