ޚަބަރު ރާއްޖެ

ވިލުފުށި އެއަރޕޯޓު 30 މަހުން، ހޮސްޕިޓަލް 18 މަހުން ނިންމަނީ

މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސްދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވަނީ ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފަށައި، ގިނަވެގެން 30 މަސްދުވަސްތެރޭ 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމަވާނޭކަމަށެވެ. އަދި އެރަށު ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަދު ޢަމަލީ ގޮތުން ފަށައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭގައި ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން ވިދާޅުވީ ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށެެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100  ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަން ވަނީ އިއުލާން ކުރައްވާފައެވެ.

 

ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ހައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

 


  • ވިލިފުށި އެއަރޕޯޓު
  • ތ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް