ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެރަށު ސްކޫލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާ، މިހާރު ރަށުގައި ހިނގަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިސްކިތުގެ މަސައްކަތް އަވަސް ކޮށްދެއްވާ، ރަށުގެ މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ސްކޫލުގެ ފަރާތުންވަނީ، ސުކޫލުގެ ޖާގައިގެ މައްސަލައާއި، ކުޅިވަރު ކުޅޭނެ ރަނގަޅު ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.