ޚަބަރު ރާއްޖެ

މީހުން ދިރިއުޅޭ ކޮންމެރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮޅުމަޑުލުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝިއާރުތައް ކުރިއަރުވާ، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މިހާ ދުވަހު ދިވެހިން ދެމިތިބީ އިސްލާމް ދީނުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

 

"ކާބަފައިން އަބްޠާލުން ކުރެއްވި ޖިހާދުން މިއަދާ ހަމައަށް އިސްލާމްދީން ވާރުތަކޮށްދީފަ މިވަނީ. އެ ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް."

 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެކަމަށްޓަކާ ހެޔޮ ލަފާ މީހުން ބިނާކުރަން ޖެހޭކަމަށާއި ދިވެހި މުޖުތަމައުގައި ދީނުގެ ހަމަތައް ނުނެގެހެއްޓޭނަމަ، ގައުމަށް ގެނެވޭ އުމްރާނީ ތަރައްގީގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށެވެ.

 

އިސްލާމް ދީން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާ ވިދާޅުވީ، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވާނެކަމަށެވެ. އަދި ފެސިލިޓީ ގާއިމުކުރާނީ އެ ރަށެއްގައި އާބާދީ އޮތް މިންވަރަކުންކަން ފާހަގަ ކުރެއްވިއެވެ.

 


  • ތ. އަތޮޅު
  • ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު
  • ކީރިތި ޤުރްއާން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް