ސަރުކާރުން ބޭނުންފުޅުވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތްތައް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެންނެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ބޭނުންފުޅުވަނީ ރައްޔިތުން ތިބިތަނަކަށް ސަރުކާރުން އައިސް ހިދުމަތްތައް ގާއިމުކުރައްވައިގެން ހިދުމަތްތައް ދެއްވުންކަމަށް ވިދާޅުވެފައެވެ.
ވޭމަންޑޫ ސްކޫލުގައި ރޭ ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްގީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެރަށުގެ ތަރައްގީއަށްޓަކައި މުހިންމު 3 މަޝްރޫއެއްގައި ރޭގެ ރަސްމިއްޔާތުގައި ސޮއިކުރައްވާފައި ވާއިރު، އެއީ ރަށުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއުތަކެއްކަމުގައި ޔަގީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރު އަޕްގްރޭޑްކުރުމާއި ބިން ހިއްކުމާއި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްގީކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަޝްރޫއުތައް ކުރިއަށް ގެންދަވަން ގަސްތުކުރައްވާ ގޮތުގެ މައުލޫމާތު ވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.