އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮޅުމަޑުލު ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ މި ގައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީންކަމުގައި ގަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް އަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖެ އިސްލާމްވީ ދުވަހަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަތުން ހިފޭ ތަރައްގީ ހޯދާއިރު، އަތުން ނުހިފޭ ތަރައްގީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަޚްލާގުގެ ތަރައްގީކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި، އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރައްވާ ވިދާޅުވީ މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަމަށެވެ. އަދި ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާއި އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަންވަނީ ފާހަގަކުރައްވާފައެވެ.