ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު އޮމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެރަށު ފެނަކަ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން ރަށުގެ ފެނާއި ނަރުދަމާގެ މައްސަލައާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި ގިރާ ސަރައްހައްދު ހިމާޔަތްކުރުމާއި ގެދޮރުގެ ދަތިކަމާއި، މަގުހެދުމާއި، ރަށުގައި މިސްކިތެއް އެޅުމުގެ މުހިންމުކަން މެންބަރުން ފާހާގަކުރެއްވިއެވެ.
މެންބަރުން ވަނީ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، ކުޅިވަރު ކުޅޭނެ ދަނޑުތައް ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.