ޚަބަރު ރާއްޖެ

މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، ގުރައިދޫގަ!

މުޅި ރާއްޖޭގެ ސިއްހީ ދާއިރާގެ ބިނާރު ތަރައްގީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

 

އެމަނިކުފާނު މި މަސައްކަތްތައް އިއުލާންކުރައްވާފައިވަނީ ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

 

ރޭ ބޭއްވި އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، ގުރައިދޫގައި މިއަދު އިފްތިތާހުކޮށްދެއްވާނޭކަމަށް ވިދާޅުވެފައެވެ. އަދި ޑީކޮމްޕްރެޝަން ޗެމްބަރ ބެހެއްޓުމަށް ވައުދުވެވަޑައިގެންފައިވާ ސަރަހައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި މި ޗެމްބަރުތައް ބެހެއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

މީގެއިތުރުން އެމް.އާރް.އައި ގެ ހިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ގާއިމުކުރައްވާނޭކަމަށާއި، ހަމަ އެ މުއްދަތުގެ ތެރޭގައި ހުރިހާ އަރބަން ސެންޓަރެއްގައި ސީ.ޓީ މެޝިން ބަހައްޓަވާނޭކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 15 އަތޮޅު ހޮސްޕިޓަލެއްގައި ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ގާއިމުކުރައްވާނޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ސަރުކާރުގެ އަމާޒަކީ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ހިދުމަތްތައް ހޯދޭނޭ މަގު ފަހިކޮށްދެއްވާ، ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެއްވުމެވެ. އަދި ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުމެވެ.

 


  • ތ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް