ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވާ ތަސްދީގުކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީގުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލު ތިމަރަފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ އެ ބިލު، ގާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށެވެ. އަދި މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ މިދިޔަ ދުވަސްތަކުގައި ގައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލާ ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގައި ފާހަގަކުރެއްވިއެވެ.
"ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެފަ. މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫއަކީ ވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް."
މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާއި އެހެންނަމަވެސް މިއީ އިހުސާސްވާނެ ކަމެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން، ތަކުރާރުކުރައްވާ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުފުޅު ނުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ކުރައްވާހާވެސް ކަމަކީ ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ދައުލަތުގެ ވެރިކަން ހިންގަވާން ހުރި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރެއިން، މަސައްކަތްތަކުގެ ދުވެލި ހަލުވިކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވާކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މި ދަނޑިވަޅަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން، ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. ފެނަކައަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނިކަން ފާހަގަކުރައްވާ، އޮޑިޓް އޮފީހުގެ ރިޕޯޓަށް އަލިއަޅުވާލައްވާ ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި ކަމެއްކަމުގައެވެ. މިކަމުގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާ، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، ޢަމަލުކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ޢަދުލުވެރި ގޮތަށް ކަމަށާ، ސިޔާސީ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދެވިފައި އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.