ރާއްޖެ 7 ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުން ވަނީ އިމިގްރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންފޯސްމެންޓުގެ ދާއިރާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން 7 ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެެއްވިއެވެ.
ތަންފީޛު ނުވެ ހުރި ކަންކަން ތަންފީޛު ކުރެވެން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެ ކަމަށާއި މި މަސައްކަތުގެ މަގުސަދަކީ އާންމު ރައްޔިތުން ކުށްވެރިކުރުން ނޫން ކަަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ފާހަގަކުރައްވާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވާ، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތަށް ރަށްރަށުގެ ކައުންސިލުތަކުން ދެއްވާ އެއްބާރުލުން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.
ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވިނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން 8000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފައެވެ.