ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ކޯޓުން މިގޮތަށް ހުކުމްކޮށްފައި މިވަނީ އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ކޮރަޕްޝަންގެ ކުށް ސާބިތުވުމުންނެވެ.
މި މައްސަލައިގައި ދައުލަތުން އެދިލައްވަފައިވަނީ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. އެހެންނަމަވެސް ގާޟީގެ ހުކުމުގައި ވަނީ މިއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބު ކަމަށެވެ.
އެ މައްސަލައިގާ އެ ކުންފުނީގއޭރުގެ ޕްރޮކިއުމަންޓް ހެޑްގެ މައްޗަށް ވެސް ދައުވަކޮށްފައި ވެއެވެ. އެއީ ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަންއަށް ދޫކުރި މައްސަލައިގައެވެ.