ހެއްދުމަށްފަހު ނުގެންގޮސް ހުންނަތާ ގިނަދުވަސްވެފައިވާ ޕާސްޕޯޓުތައް މިއަހަރު ނިމުމުގެ ކުރީން ގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.
އެ އިދާރާ އިން ވިދާޅުވީ ބައެއް މީހުން ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގާ ގިނަދުވަސްވާ ކަމަށާއި އެފަދަ ފަރާތްތަކުން މިއަހަރު ނިމުމުގެ ކުރިން ނެގުމަށް އެދޭ ކަމަށެވެ. އަދި ނުނަގާ ހުރި ޕާސްޕޯޓުތައް ކެންސަލްކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
ޕާސްޕޯޓު ހައްދަން ނުވަތަ އާކުރަން ބޭނުންނަމަ، އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކުއްލި ހާލަތުގައާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، އިމިގްރޭޝަނަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9 ން މެންދުރުފަހު 2 ޖަހަންދެން އިމިގްރޭޝަނަށް ހާޟިރުވެ، ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، އެ ވަގުތުތަކުގައި ޕާސްޕޯޓާ ހަވާލުވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.