މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫންގެ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާ ޖަލަށް ލުމަށް އެކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވުމުންނެވެ. އެއީ ޕީޕީއެމްގެ ވެރިކަމުގައި 2016 ވަނަ އަހަރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި އޭނާ ހުރިއިރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެފައިވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމް ކޮށްފައިވާކަމަށެވެ. އަދި އެ ދެ ދައުވާ ސާބިތުވިކަމަށް ކަނޑައަޅާ އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ އަނެއް 5 ދައުވާގެ ހުކުމް އެހެން ދުވަހެއްގައި އިއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މޯލްޑިވް ގޭސްގެ އެމްޑިގެ މަގާމުގައި ޢަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހުގީގުތަކުން ހާމަވާކަމަށެވެ.