މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ޕީ.އެޗް.ޑީ. ހާސިލުކުރުމާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ހާއްސަ ސްކޮލަރޝިޕެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވިކަން އިއުލާނުކުރައްވާ މީސްމީޑިއާގެ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މި ވަނަތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ނިންމެވިކަން ވެސް ހާމަކުރައްވާފައެވެ.
އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ބޮޑަށް ހިތްވަރު ދޭންޖެހޭނީ، އަދި އެންމެ ބޮޑެތި އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން، ބޭނުން ގައުމަކުން ޕީއެޗްޑީއާއި ހަމަޔަށް ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ދެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އަދި މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެއެވެ.
މިއަހަރުން ފެށިގެން މި އިނާމުތައް ދެއްވުމަށް ކަނޑައެޅުއްވިއިރު، މުބާރާތުގެ އެހެނިހެން އުމުރުފުރާތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަކޮށް، އަގުވެސް ބޮޑުކުރައްވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތު ވެސް އިތުރަށް ފަހިކުރައްވާނެއެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި މިދިޔަ އަހަރު ބޭއްވެވި 36 ވަނަ ގައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.