ޚަބަރު ރާއްޖެ

ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓްރީކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީކޮށްފިއެވެ.

 

އިންސްޓިޓިއުޓް ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރުމަށް އެމްއެންއެސްޑީއޭގައި ބޭއްވި ހަފްލާގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑިޒްގެ ފަރާތުން ސެޓުފިކެޓާއި ހަވާލުވެލެއްވީ ސްޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދުއެވެ.

 

ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

 

މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގުސަދަކީ ޖަލުގައި ދަސްކޮށްދޭ އެކި މަސައްކަތްތެރިކަމުގެ ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައަށް ބޭނުންތެރި މަސައްކަތެއް ކުރާ އަދި ނޭޝަނަލް ސެޓްފިކެޓް ހާސިލުކޮށްފައިވާ ބަޔަކަށް ހެދުމެވެ.

 

ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް https://www.mnsda.gov.mv/  އިން ލިބޭނެއެވެ.

 


  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)
  • ކޮމެންޓް