ޚަބަރު ރާއްޖެ

މާމިގިލީގައި އައިޔޫއެމްގެ ކެމްޕަހެއް

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްގީކުރުމަށް ނިންމާ، މަސައްކަތް ހަވާލުކޮށްފިއެވެ.

 

މި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އދ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފައިވާއިރު، މި ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކެއް ވެސް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއަކާއި ކެންޓީނެއް ވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް އައިޔޫއެމް އިން ހާމަކުރައްވައެވެ. މި ކެމްޕަސް ގާއިމުކުރުމަށް 22000 އަކަފޫޓުގެ ބިމެއް މާމިގިލީ ކައުންސިލުން ވަނީ އައި.ޔޫ.އެމްއަށް ދެއްވާފައެވެ.

 

މި ކެމްޕަސް ގާއިމުކުރުމަށް ނިންމާފައިވާއިރު، އެ ޔުނިވަރސިޓީން މިހާރުވެސް އަންނަނީ އެ ރަށުގައި ޤުރުއާނުގެ ދާއިރާއިންނާއި ޓީޗަރުންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.

 


  • އދ. އަތޮޅު
  • އައިޔޫއެމް
  • މާމިގިލި
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް