ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ފޮޓޯގްރަފީ ޕާޓްނަރއަކަށް ޔަކޭ.އެމްވީ

ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ފޮޓޯގްރަފީ ޕާޓްނަރއަކަށް ޔަކޭ.އެމްވީ ހަމަޖައްސައިފިއެވެ.

 

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބާސެލޯ ނަސަންދުރައިގައި އޮކްޓޯބަރ 7 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ކެރަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އެވެ. ޔަކޭ.އެމްވީ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޕާޓްނަރ މުޙައްމަދު އަފްއާން އާދަމް އެވެ.

 

މިކަމާއިގުޅިގެން ޔަކޭ.އެމްވީގެ ފައުންޑަރ ޢަބްދުﷲ ޔަޝާޢު ވިދާޅުވީ ކެރަމްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވިގެންދާއިރު، އެ މުބާރާތާ ގުޅުންހުރި އެންމެހާ މަންޒަރުތައް ގެނެސްދިނުމުގެ އެންމެ މުހިއްމު ބައިވެރިއަކަށް ވެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

 

މިވަގުތު ރާއްޖޭގައި ސްޕޯޓްސް ފޮޓޯގްރަފީގެ ދާއިރާ އިން އެންމެ އުހުގައި ހުރި އެއް ފޮޓްގްރާފަރު ކަމަށްވާ ޔަކޭ.އެމްވީ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކުޅިވަރު އިވެންޓްތަކުގެ މުހިއްމު ބައިވެރިއެކެވެ. އަދި ޔަޝާޢު އަކީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް އޭނާގެ ކެމެރާގެ ލެންސުން ފުރިހަމައަށް ކަވަރޭޖުތައް ގެނެސްދީފައިވާ ކުޅަދާނާ ފޮޓޯގްރާފަރެކެވެ.

 

އަންނަ ޑިސެމްބަރ މަހުގެ ކުރީކޮޅު މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން ވިއްސަށް ވުރެ ގިނަ ގައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއީ ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްއެވެ.

 

އެހެންވެ، މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

 

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީން 2014 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.

 

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

 

މިއީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކަމާއެކު އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ފުރިހަމަ އެއްބާރުލުމާއެކު ބާއްވާ މުބާރާތެކެވެ.

 


  • ކެރަމް
  • ކެރަމް އެސޯސިއޭޝަން
  • ކޮމެންޓް