ކުރިމަގު ސައްލާ މާލެ ސަރަހައްދުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ހުޅުވާލާއިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން"، އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ ބައްދަލުވުންތަކެކެވެ.
ނެކްސިއާ މޯލްޑިވްސް އިން ވިދާޅުވީ މިބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު، މާލޭގައި 2 ބައްދަލުވުމެއް ހުޅުމާލެ ފޭސް 1 އާއި ފޭސް 2 އަދި ވިލިމާލޭގައި ބައްދަލުވުންތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން އޮކްޓޯބަރ 14 ވަނަ ދުވަހުގެ ރޭ ވިލިމާލޭގައި ބާއްވާއިރު، މި މަހުގެ 15 އާއި 17 ވަނަ ދުވަހުގެ ރޭ މާލޭގައި ބާއްވާނެއެވެ. އަދި 16 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް2 ގައި ބާއްވާއިރު، ފޭސް1 ގައި އޮންނާނީ 18 ވަނަ ދުވަހުގެ ރެއެވެ. މި ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 8:15 ގައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމަށް އެ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކެއް ފޯރުކޮށްދީފައިވާއިރު، ނެކްސިއާ އިން މައުލޫމާތު ދޭ ގޮތުގައި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް ހަރަކާތްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން ގުރޫޕްތަކަކަށް ބަހައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެއެވެ.
ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ބާއްވާ މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ގައުމާ މެދު ކުރާ ތަސައްވުރުތައް ދެނެގަނެވޭނެއެވެ. އަދި 2045 ވަނަ އަހަރު އަންނައިރު، ބައިވެރިންގެ ނަޒަރުގައި އެކި ދާއިރާތައް ކުރިއަރައިގެން ދާނެ ގޮތް ހޯދޭނެއެވެ. މިގޮތުން ތައުލީމު އުނގެނުން، ސިއްހަތު، އިގުތިސާދު، ތިމާވެށި، އުމުރާނީ ތަރައްގީ، ދަތުރުފަތުރާއި ގުޅުންތައް ފަދަ ދާއިރާތައް އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ ދެނެގަނެވޭނެއެވެ.
ކުރިމަގު ސައްލާގެ މި ބައްދަލުވުންތައް ކާމިޔާބުކަމާއިއެކު މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި ނެކްސިއާގެ ޓީމުތަކުން ވަނީ ބާއްވާފައެވެ. އަދި ތަފާތު ދާއިރާތަކާއި އުމުރުފުރާތަކަށް ނިސްބަތްވާ ފާރާތްތަކުން މި ބައްދަލުންވުންތަކުގައި ބައިވެރިވެ ވަނީ ގިނަ ހިޔާލުތައް ހުށަހަޅާފައެވެ.
ނެކްސިއާ މޯލްޑިވްސް އިން ބުނާ ގޮތުގައި މިހާރުވެސް އެ ކުންފުނީގެ ޓީމުތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުރިއަށްއޮތް ހަތަރު ހަފުތާގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ބައްދަލުންވުންތައް ބާއްވާ ނިންމާލެވޭނެ ކަމަށް ނެކްސިއާއިން ފާހަގަކުރެއެވެ.
ކުރިމަގު ސައްލާގެ އިތުރުން ގައުމީ ތަރައްގީގެ ޕްލޭންގައި އެކި އެކި ގޮތް ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތުތައް ނެކްސިއާ އިން ވަނީ ހުޅުވާލާފައިއެވެ. އެގޮތުން އޮންލައިން ސާރވޭގައި ބައިވެރިވުމާއި، އިލްމީ ލިޔުންތަކާއި ހިޔާލު ހުށެހެޅުމަށް ނެކްސިއާއިން ވަނީ ހުޅުވާލާފައެވެ. އަދި ހުށަހެޅޭ ފެންވަރު ރަގަޅު ދިރާސީ ލިޔުންތައް ތަރައްގީގެ ޕްލޭނާ އެކު ޝާއިއުކުރެވޭނެ ކަމުގައި އެފަރާތުން ފާހަގަކުރެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ނެކްސިއާ މޯލްޑިވްސް އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.
ބައްްދަލުވުމުގައި ބައިވެރިވުމަށް: https://www.instagram.com