އިލްމާއި ރިވެތި އަޚްލާގުގެ މައްޗަށް ބިނާވެފައިވާ މުޖްތަމައެއް ބިނާކުރުމަކީ ގައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ "ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ނައިބު ވަނީ އިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މައުލޫމާތު ބަދަލުކުރުން ނޫން ކަމަށެވެ. އަދި އެއީ އެކަމުގެ ތެރެއިން ހިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށް ވެސް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.
ނައިބު ވަނީ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. މި ސެމިނަރއަކީ ހުލްގު ހެޔޮ، ގާބިލު ލީޑަރުން ބިނާކުރުމުގެ ގައުމީ ތަސައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި، އިލްމާއި، އަހުލާގު ޝާމިލުވަނިވި ތައުލީމަށް ހިތްވަރު ދޭ ސެމިނަރއެއްކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ގުޅިގެން މިފަދަ ސެމިނަރއެއް ކުރިއަށް ގެންދެވުމަކީ، އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިސްރާބު ހިފާފައިވާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު، އިސްލާމީ އަދި އިންސާނީ އުސޫލުތައް ކުރިއަރުވާ ޖަމާއަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.
އިސްލާމީ ލީޑަރޝިޕްގެ މައުލޫމާތު އިތުރުކުރުމާއި އިލްމާއި ޒުވާނުންގެ ލީޑަރޝިޕް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ބާއްވާ މި ސެމިނަރގައި ދިވެހިރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.