ޚަބަރު ރާއްޖެ

އަންހެންކުދިންނަކީ މުޖުތަމައުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ ބައެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

 

އެކަމަނާ މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި އެކަމަނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެކުދިންނަކީ މުޖުތަމައުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅާ މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ހަގީގީ މާނައިގައި ދައްކުވައިދޭ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި އަންހެން ކުދިން ތައުލީމު ހާސިލުކޮށްގެން މާނަހުރިގޮތެއްގައި މުޖުތަމައުތަކަށް ހިދުމަތް ކުރެވޭނެފަދަ މާހައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

 

ހަމަމިއާއެކު އެކުދިންގެ އަޑު އަހަ، އިހުތިރާމުކުރުމަށް ވެސް ގޮވާލައްވާފައި ވެއެވެ.

 

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހަކީ އަންހެންކުދިންގެ ހައްގުތައް ބަލައިގަނެ، އެ ކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށްޓަކައި އ.ދ. އިން ކަނޑައަޅައިފައިވާ ދުވަހެކެވެ.

 

 


  • މެޑަމް ސާޖިދާ
  • އަންހެނުން
  • ކޮމެންޓް