ޚަބަރު ރާއްޖެ

އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލު ހަދައިފިނަމަ، ބާރުވެރިކަން ބީވެދާނެ: އަޒާން

އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލު ހަދައިފިނަމަ، ބާރުވެރިކަން ބީވެދާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

 

އަޒާން މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

 

މި މަހުގެ 25 ވަނަ ދުވަހު މި ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އަޒާން 'އެލްސް' ގައި އައްޑޫ ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރާއްޖޭ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑު ބާރަވެރިކަމަކީ އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރަވެރިކަމަކީ މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑޮ އާބާދީގެ ގޮތުގައި އެއް އަޑަކުން، އަަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ.

 

ވަކި ވަކި ކައުންސިލް ހަދާ މިހާރުއޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމުން މި ބާރަވެރިކަން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫ އަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

"ޒަމާނުއްސުރެ އައްޑޫ ވެރިކަން ކެރަނީ ހިތަދޫ ކަމަށް ވޭހެދީ، އިދާރީ އިންތިޒާމުތައް ގާއިމްވެފެއި ހިށިލެކުން އެހެން އަވަށްތަކި މީހުންނަށް ދަތިތަކާއި ކަންބޮޑޮވުންތަކާއި ކުރިމަތިވޭ ކަމީ ހަގީގަތައް."

 

އަޒާން އިތުރަށް ވިދާޅުވީ ކަންއެހެންހުރިނަމަވެސް އެ ކަންކަމަށް އަހަރުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ސިޓީ ކައުންސިލް އިދާރީ އިންތިޒާމުތައް ރޭވިފައި ހުރި ގޮތްތަކަށް ބަދަލުތަކަށް ގެނެސްގެން ހައްލު ހޯދިދާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

 

ހަމަމިއާއެކު އެކަމަށް މަސައްކަތް ކުރުމަށް އަޒާން ހުންނެވީ ތައްޔާރަށް ކަަމަށާއި މި މަހުގެ 25 ވަނަ ދުވަހު ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުންނަށް އައްޑޫ ވަކި ކައުންސިލުތައް ހަދަން ނުފެންނަކަމަށް ވޯޓުދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

 

 

 


  • އައްޑޫ ސިޓީ ކައުންސިލް
  • އަޒާން
  • އިލެކްޝަންސް ކޮމިޝަން
  • އައްޑޫ ސިޓީ
  • ކޮމެންޓް