ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފިއެވެ.
މިއީ މިޞްރުގެ ފޮރިން މިނިސްޓަރ ޑރ. ބަދްރު ޢަބްދުލްލަޠީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުންވެސް ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވެސް މިޞްރު ސަރުކާރުގެ ކަމާބެހޭ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ބައިނަލްއަގުވާމީ މަންސަތަކުގައި ދެ ގައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެއެވެ.
މިދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.