ޚަބަރު ރާއްޖެ

ހުޅުމާލެ ފޭސް1 ގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 1 ކޮޓަރި އެއްކޮށް އަނދައިފި

ހުޅުމާލެ ފޭސް1 ގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި ކަމަށެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލާފައިވާ ކަމަށެވެ. 

 

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:49 ހާއިރު ކަމަށާއި މި މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، 9:25 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެ އިދާރާ އިން މައުލޫމާތު ދެއްވައެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި އެހެންނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.

 


  • ހުޅުމާލެ
  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް