ޚަބަރު ރާއްޖެ

މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލް، މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު ޢަބްދުލްލަޠީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މިހާރު މިޞްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތަޙްރީރު ޕެލެސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު  ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ މިނިސްޓަރުން ވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.

 

ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާ ކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ވަކީން ހާއްސަކޮށް މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދެއްވާ މަތީ ތައުލީމުގެ ފުރުސަތުތަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ޝުކުރުއަދާ ކުރެއްވިއެވެ.

 

މީގެއިތުރުން އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.

 

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަަމަށެވެ.

 


  • މިސްރު
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް