ޚަބަރު ރާއްޖެ

އެއްފަހަރާ އެންމެގިނަ މީހުން ފީނުމުގެ ރެކޯޑު ރާއްޖެއިން އައުކޮށްފި

އެއްފަހަރާ އެންމެގިނަ މީހުން ފީނުމުގެ ރެކޯޑު ރާއްޖެއިން އައުކޮށްފިއެވެ.

 

މި ރެކޯޑު މީގެކުރީން ވެސް އޮތީ ރާއްޖެއަތުގައެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރު ބޭއްވި ހަރަކާތެއްގައި އެއްފަހަރާ 521 މީހުން ފީނައިގެންނެވެ.

 

މި ރެކޯޑު ރާއްޖެއިން އައުކުރީ "ބާނި" ގެ ނަމުގައި އޮކްޓޯބަރ 18 ވީ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތުގައެވެ. ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން ބޭއްވި މި ހަރަކާތުގައި މި ރެކޯޑު އައުކުރީ އެއްފަހަރާ 623 މީހުން ފީނައިގެންނެވެ.

 

އެ އަތޮޅު ކައުންސިލުން އެންމެފުރަތަމަ އަމާޒު ހިފީ ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދަށް އެއްފަހަރާ 1000 މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑު ހެދުމަށެވެ. އެހެންނަމަވެސް މި ހަރަކާތުގައި ބައެއް މީހުން ޑިސްކޮލިފައިވެފައިވާކަން، ގިނަސް ވަރލްޑް ރެކޯޑުގެ އެޖުޑިކޭޓަރ ވަނީ އިއުލާންކޮށްފައެވެ.

 

އެ ހަރަކާތަށްފަހު ބޭއްވި ހަފުލާގައި ދުނިޔޭގެ ރެކޯޑު ހެދިކަމުގެ ލިޔުން ގިނަސް ވޯލްޑް ރެކޯޑުގެ ފަރާތުން ބ. އަތޮޅު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ކައުންސިލުގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ. މި ރަސްމިއްޔާތުގައި އައުކުރި ރެކޯޑާއެކު ވަނީ ހަވާ އަރުވާފައެވެ.

 

މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކުރުވާ، އެ އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.

 

މިހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ބ. އަތޮޅު ބަޔޮސްފިއާ ރިސަރވް އާއި ދިރާގުން ވަނީ ބައިވެރިވެފައެވެ.

 

 


  • ބ. އަތޮޅު
  • ކޮމެންޓް