ޒީރޯ ވޭސްޓް ފޯރަމްގެ ބޭރުން ދިވެހިރާއްޖެއާއި ތުރުކީގެ ކުނި މެނޭޖްމަންޓް އެއްބާރުލުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބާއްވާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ބޭއްވި ޒީރޯ ވޭސްޓް ފޯރަމްގެ ބޭރުންނެވެ. އެންވަޔަރްމެންޓް އެންޑް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް، ތުރުކީ ޖުމްހޫރިއްޔާގެ ތިމާވެށި، އާބާދީކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޑެޕިއުޓީ މިނިސްޓަރ މިސް ފާޠިމާ ވަރަންކްއާ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ދެގައުމުގެ މެދުގައި ކުނި މެނޭޖްކުރުމާއި ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތަކުގައި ދެގައުމަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި ހާއްސަކޮށް ކުނި މެނޭޖްކުރުމުގެ ގޮންޖެހުންތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ. އަދި ޒީރޯ ވޭސްޓްގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ކުނި ކުޑަކުރުމަށްޓަކައި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.