ޚަބަރު ރާއްޖެ

ކޮންމެ ދުވަހަކު 5 ފަހަރު ބަންގީގައި ގޮވާލަނީ ކާމިޔާބު ހޯދުމަށް، ނަމާދަށް އަވަސްވެގަނޭ

މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި ނަމާދަށް އަވަސްވެގަތުމަށްކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

'ނަމާދަށް ފަރުވާތެރިވުން' މި މައުޟޫްއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމަށާއި ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަމުގައި ވެސް ވަނީ ހަނދާންކޮށްދީފައެވެ. އަދި އެއީ ގިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަން ވެސް ފާހަގަކޮށްފައި ވެއެވެ.

 

ހުތުބާގައި ބުނީ ނަމާދަށް ރައްކާތެރިވާ މީހާއަށް، ގިޔާމަތްދުވަހުން އެ ނަމާދުވާހުށީ ނޫރެއް އަދި ބުރުހާނެއްކަމުގައި ކަމަށާއި ނަރަކައިން ދިންނެވުމެއްކަމުގައެވެ.

 

"އެނަމާދަށް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއްކަމުގައި އަދި ބުރުހާނެއްކަމުގައި ނުވާނެތެވެ. އަދި ގިޔާމަތްދުވަހު އެމީހަކު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ."

 

މީގެއިތުރުން ޝަރުއީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކު ކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭކަމެެއް ކަމަށާއި އަހަރުމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުންގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އެބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. އަދި މިއީ އަހަރުމެން އެކަމާމެދު ނުހަނު ސަމާލުކަންދީ ރައްކާތެރިވާންޖެހޭ ކަމެއްކަމުގައި ވެސް ބުންޏެވެ.

 

ނަމާދަކީ މުސްލިމުންނާއި، ކާފުރުންނާ ދެމެދުވާވާ ތަފާތުކަމަށާއި އެއީ އެދެެމެދު ވަކުކުރާ އިންކަން ފާހަގަކޮށް ހުތުބާގައި ބުނީ ނަމާދު ދޫކޮށްލާ މީހާ ހަމަކަށަވަރުން ކާފިރުވެއްޖެ ކަމަށެވެ.

 

ހަމަމިއާއެކު ފިރިހެނުންނާއި އަންހެނުންނާއި މުއްސަނދިންނާއި ފަގީރުންނަށް ވެސް ނަމާދު ދޫކޮށްނުލެވޭނެކަން ހަނދުމަކޮށްދީފައި ވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުންނާއި ބަލިމީހުންނާއި ރަށުގައި ގާއިމްވެތިބޭ އަދި ދަތުރުވެރިޔަކަށް ވިޔަސް ނަމާދަކީ ދޫކޮށްނުލެވޭނެ ފަރުޟެއްކަމުގައި ހުކުރު ހުތުބާގައި ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް