ޚަބަރު ރާއްޖެ

އައްޑޫ ސިޓީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރީ-ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް

އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ އެ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ރީ-ރެޖިސްޓްރީ ކުރުމުގެ ސުންގަޑި އޮކްޓޯބަރ 18 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

 

އެ ކޮމިޝަނުން ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ ފައިބެއަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް އެފަރާތެއް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. އަދި ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

މީގެއިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އެހެންކަމުން ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކުރުމަށްފަހު ވޯޓުލާންބޭނުންވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެ ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.

 

އައްޑު އަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނާނީ މި އޮކްޓޯބަރ މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން ހަވީރު 4 ޖަހަންދެންނެވެ.

 

އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައެޅުއްވީ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން 6 އޮކްޓޫބަރު 2025 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

 

އެމަނިކުފާނު މި ގޮތަށް ކަނޑައެޅުއްވީ، އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލުގެ ދަށުން ހިންގުމަށްޓަކައި އެ ދެރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ރައީސުލްޖުމުހޫރިއްޔާގެ ގަރާރު ނަންބަރު 27/2025 އިސްލާހުކުރެއްވުމަށްފަހު އޮކްޓޯބަރ 12 ގައި ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 31/2025 އިންނެވެ.

 


  • އައްޑޫ ސިޓީ ކައުންސިލް
  • އިލެކްޝަންސް ކޮމިޝަން
  • އައްޑޫ ސިޓީ
  • ކޮމެންޓް