ޚަބަރު ރާއްޖެ

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ހައްޖު ވިސާ ދޫނުކުރާނެ

ޢުމްރާގެ އަޅުކަމުގައި ޞަފާއާއި މަރުވާއާ ދޭތެރޭ ހިނގަނީ - ފޮޓޯ: ކުޑޭ

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ހައްޖު ވިސާ ދޫނުކުރުމަށް ނިންމަވާފައިކަން ސައުދީ ސަރުކާރުން އަންގާފައިވާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

 

އެކޮމިޝަނުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ސައުދީ ސަރުކާރުގެ މި ނިންމެވުން ރާއްޖެއަށް އަންގާފައިވަނީ މި މަހުގެ 16 ވީ ބުރާސްފަތި ދުވަހު ކަމަށެވެ.

 

އެމްޑީ ވިދާޅުވީ ވިސާ ދޫނުކުރާ މީހުންގެ ތެރޭގައި ހިތުގެ ބައްޔާއި ކިޑްނީ ބައްޔާއި ނާރުގެ ބަލިތަކާއި ހަނދާންނެތޭ ބަލި ހުންނަ ފަރާތްތައް ހިމެނޭކަމަށް ސައުދީ ހައްޖު މިޝަނަށް އަންގަވާފައިވާކަމަށެވެ. އެހެންވެ، ހައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލާ މެޑިކަލް ޓެސްޓުތައް ހެއްދުމަށް އަންގާނެ ކަމަށާއި އެ ޓެސްޓުތައް ހައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުތަކުން ބަލާ، އިތުރު ޓެސްޓް ހަދަންޖެހޭނަމަ އެ ޓެސްޓުތައް ހެދުމަށް އަންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

"ވިސާ ލިބޭކަން ނުވަތަ ނުލިބޭކަން އެނގޭނީ އެ ރިޕޯޓު ސައުދީގެ ޙައްޖު މިނިސްޓްރީއާ ހިއްސާކުރުމުން. މިހާރު މިއައީ އަޅުގަނޑުމެންގެ ބާރު ނުހިނގާ ކަންތައްތަކެއް. އެކަމަކު ބައްޔެއް އަދި ހުރިނަމަވެސް ވިސާ އިޝޫ ނުކުރާނެއެކޭ ނޫން މިދަންނަވަނީ. ސައުދީގެ ޙައްޖު މިނިސްޓްރީން އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ."

 

އެމްޑީ އިތުރަށް ވިދާޅުވީ އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މައްސަލަތަކެއް ނާންނާނެ ކަމަށާއި ހައްޖުގެ ފުރުސަތު ލިބިފައިވާ މީހާއަށް ބޮޑު ބައްޔެއްގެ ސަބަބުން ވިސާ ނުލިބޭކަން ސައުދީ ސަރުކާރުން ކަނޑައަޅުއްވާ ހާލަތެއް ދިމާވެއްޖެނަމަ, އެމީހަކު ބޭނުންވާ އެހެން މީހަކަށް އެ ފުރުސަތު ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

މިފަދަ ނިންމެވުންތައް ސައުދީ ސަރުކާރުން ނިންމަވަނީ ހުރިހާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވެސް އެމްޑީ ޝަކީލް ވިދާޅުވިއެވެ.

 

ހައްޖުގެ އަޅުކަމަށް ސައުދީން ރާއްޖެއަަށް މިހާރު ދެމުން އަންނަނީ 1000 ކޯޓާއެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ކޮމެންޓް