ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) މާލެއިން ބޭރުގައި އެޅުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ މި ފިލްމު ރާއްޖޭގެ އެކި ރަށްރަށުގައާއި، ރިސޯޓްތަކުގައި އެޅުވުމަށް ބޭނުންވާ ފަރާތްތަކުން 7779621 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރުމަށް ވަނީ އެދިފައެވެ.
މިއަހަރުގެ ނޮވެމްބަރ މަހުގެ 5 ގައި އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ 7 ޝޯވއެއްގެ ޓިކެޓު މިހާރުވަނީ ވިއްކަން ފަށާފައެވެ. ނޮވެމްބަރ 19 ގެ ނިޔަލަށް ފިލްމު ދެއްކުމަށް ނިންމާފައިވާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފައެވެ.
މިފިލްގެ ޓްރެއިލަރ އާއި ޓްރެއިލަރ ލޯންޗް ކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ މަޖާކަން ފެނިގެންދެއެވެ. އެގޮތުން ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގގައި ކެމެރާއާއި އެޑިޓިންގގެ ފުރިހަމަކަން ދައްކުވައިދީފައެވެ.
"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި އިޖްތިމާއީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މަޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނައިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށްފަހު މިފިލްމު ވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ، ހެއްވާލާނެވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ވަނީ ބުނެފައެވެ.
މީގެއިތުރުން މިފިލްމް އުފައްދާ ސެޓަރން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްއެވެ. އަދި މިއީ ފައިބެއަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި މިއަހަރުގެ މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެއްވެސް މެއެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.
މ. މުލަކުގައި މިއަހަރުގެ ކުރީކޮޅު ޝޫޓުކޮށްފައިވާ މި ފިލްމަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.
މިއީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއްފިލްމަކުން ފެނިގެންދާނެ އެއް ފިލްމަށްވާއިރު، ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް މި ފިލްމުން ފެންނާނެއެވެ. އަދި ފުބޫ، ޝިފާ، ޑޯރާ، އަމަން، ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އާއި ހާމިދު ފަދަ ކުޅަދާނަ ފަންނާނުންގެ މޮޅު އެކްޓިންގ ވެސް ފެންނާނެއެވެ.
މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ.