ޚަބަރު ރާއްޖެ

އެމްޑީޕީ ސަރުކާރުން އިސްލާމިކް މިނިސްޓްރީ އޮތީ 50 މިލިއަން ރުފިޔާއިން ދަރުވާލާފަ: ޑރ. ޝަހީމް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިސްލާމިކް މިނިސްޓްރީ އޮތީ 50 މިލިއަން ރުފިޔާއިން ދަރުވާލާފައި ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

މެމްބަރު ސުވާލުކުރައްވާފައިވަނީ ހިތަދޫގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯއާއި މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީކަމަށް އެ ކުންފުނިން ބުނެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރު ތެރޭ މަރުކަޒުގެ މަސައްކަތް ނިމޭނެތޯ ވަނީ ސުވާލުކުރައްވާފައެވެ.

 

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، މަސައްކަތް ކުރުވާފައިވަނީ ފައިސާ ނުދީ ކަމަށެވެ. އަދި ހުރިހާ ދަރަންޏެއް އަދާކުރީ މިސަރުކާރުން ކަމަށެވެ. އެގޮތުން 170 މިލިއަން ރުފިޔާ މިސަރުކާރުން ދައްކާފައިވާނެ ކަމަށާއި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ، މަޝްރޫއުތައް ނުނިންމާކަމަށް ބުނެ ސުވާލުކުރަން ލަދުގަންނަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

 

" މެމްބަރު ނާޒިލް ދެއްވީ ދޮގު މައުލޫމާތެއް. އެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލެއްގެ ފައިސާ ނުދައްކާ ނޯންނާނެ."

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުރިހާ ބިލަކަށް ވެސް ފައިސާ ދައްކާފައިވާނެ ކަމަށާއި މަސައްކަތް ނުނިމެނީ ގާބިލުކަން ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކުރާތީ ކަމަށެވެ.

 

ހިތަދޫގައި ގާއިމްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ 2023 ވަނަ އަހަރުގެ ޖުލައި 26 ގައި އަޅުއްވާދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

 

ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި އިމާރާތްކުރަނީ 1500 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. ދެ ފަންގިފިލާ އަށް އިމާރާތްކުރާ މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީއަކާއި ޕޭންޓްރީއެއް ހުންނާނެއެވެ.

 

ފެޑޯއާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 2023 ވަނަ އަހަރުގެ މާރޗް 24 ގައެވެ.

 

 


  • އައްޑޫ ސިޓީ ކައުންސިލް
  • އިސްލާމީ މަރުކަޒު
  • އެމްޑީޕީ
  • ޑރ. ޝަހީމް
  • އައްޑޫ ސިޓީ
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް