އެކަނިވެރި މައިންނަށް ދޭ އެލަވަންސް އިތުރުކޮށް، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސެއް ތައާރަފްކުރައްވަން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަ 2026 ވަނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމްލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އޯގާތެރި މުޖުތަމައެއް ބިނާކުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ހާއްސަ އެލަވަންސެއް ތައާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
މީގެއިތުރުން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމްލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.