ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތްދޭން ފަށައިފިއެވެ.
މި ހިދުމަތް އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގައި ގާއިމުކޮށް، ރައްޔިތުންނަށް ހިދުމަތް ދޭން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެންނެވެ.
މި ދަތުރުފުޅުގައި އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ލިބެންނެތް 7 ރަށް ކަމުގައިވާ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި މިހާރުވަނީ އެ ހިދުމަތް ފަށާފައެވެ. އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އޭޓީއެމް ހިދުމަތް މިހާރުނުލިބެނީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ދެ ރަށަށެވެ. ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައި ވެސް ހިދުމަތް ގާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ދަނީ ހިންގަމުންނެވެ. އަދި 252 އޭޓީއެމްވެސް ވަނީ ގާއިމްކޮށްފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.