ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި އެ އަތޮޅުގެ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން މަސައްކަތްތައް ފައްޓަވާ، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، ބޭންކިންގ ގެ ހިދުމަތް ލުއިފަސޭހަކޮށްދެއްވުމާ ގުޅޭ މަޝްރޫއުތައް ފައްޓަވާފައިވެއެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާއި އިފްތިތާހު ކުރެއްވުމަށް ހަމަޖެފައިވާ ބައެއް ކަންކަން ކެންސަލް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑު ސަމާލުކަމެއްދެއްވައިގެން ވަރަށް އިސްކަންދެއްވައިގެން ވަރަށް ރަނގަޅަށް އެކަންކަން ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.