ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުން ގައުމީ ކަމެއްގެ ގޮތުގައި ކުރަން ސިފައިންނާއި ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ ''ރައްޔިތުންނާ އެކު'' މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި، އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އެތަން ނިންމުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތް ހަވާލުކުރެއްވީ 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމުގައި ވެސް ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރަށް ވަސީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަނީ ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.