ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށެވެ.
މީގެއިތުރުން ވަނީ ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ، އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައް ކުރުން މަތީ ދެމިތިބުމަށް ގޮވާލާފައެވެ. އަދި ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ނިމިގެންމިދާ ރަމަޟާން މަހު ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލުމަށް ނަސޭހަތްތެރިވެ، ހުތުބާގައި ބުނީ ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށް ގޮވާލާފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ޤުރްއާނުން އެންމެ ސަފުހާއެއް ނަމަވެސް ކިޔެވޭތޯ މަސައްކަތްކުރުމަށާއި ހެޔޮ ޢަމަލުކުރުމުގައި ހީވާގިވުމަށް ވެސް ގޮވާލާފައި ވެއެވެ.
ހަމަމިއާއެކު ގިނައިން ތައުބާވެ، މާތްﷲ އަށް އިސްތިޣުފާރުކުރުމަށް ގޮވާލާ ހުތުބާގައި ބުނީ ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރައެއްކަމަށެވެ. އަދި ނިމިގެންމިދާ ރަމަޟާން މަހު، އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާ ނަމަ، ތައުބާވުމަކީ އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ.
މާތްﷲަ އީ އެކަލާނގެ ކޯފާއަށް ވުރެ ރަހުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެކަން ވެސް ވަނީ ހުތުބާގައި ހަނދާންކޮށްދީފައެވެ.