ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންއެފް އިން ވަނީ ޕާޓީގެ ރައީސާއި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކާއި އަމީންއާންމާއި ރަޖިސްޓްރަރ އަދި ޚަޒާންދާރު އިންތިޚާބު ކުރުމަށް ނިންމާ، އެ މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން އެޕާޓީގެ ސެނެޓަށް 14 މެންބަރަކު އިންތިހާބު ކުރުމަށް ނިންމާފައިވާއިރު، މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި ހިނގާ އޮކްޓޯބަރ 28 ވާ ބުރާސްފަތި ދުވަހު އިރުއޮއްސި 6 ޖެހުމުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ ޕާޓީގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އާންމު ޖަލްސާގެ ތެރެއިންނެވެ.
ރާއްޖޭގައި އެންމެފަހުން އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ މި ޕާޓީ އުފައްދާފައިވަނީ ފައިބެއަހަރުގެ މާރޗު މަހުގެ 25 ވަނަ ދުވަހުއެވެ. ޕީއެންއެފްގެ ދަފްތަރުގައި 3046 މެންބަރުން ރަޖިސްޓްރީކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކައެވެ.