ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025 ގެ ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.
މިއަހަރުގެ ޑީ.އެމް.އާރް.އާރް ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ.
މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް މި އެކްސްޕޯ ކުރިއަށްދާއިރު، މިއަދު މެންދުރުފަހު 2 ން އިރުއޮއްސި 6 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ކިޓް ދޫކުރާނެއެވެ.
މީގެއިތުރުން މާދަމާއިން ފެށިގެން 22 ވަނަ ދުވަހު ހެނދުނު 9 ން މެންދުރު 12 ޖަހަންދެންނާއި މެންދުރުފަހު 2 ން އިރުއޮއްސި 6 ޖަހަންދެން ވެސް ދޫކުރާނެއެވެ. އަދި ރޭގަނޑު 8 ން 10 ޖަހަންދެން ވެސް ކިޓް ދޫކުރާނެއެވެ.
ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގ ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބަލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.
ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރ ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.