މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދެމީހެއްގެނަން އަނބުރާ ގެންގޮސްފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމެޓީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ.
އެހެންކަމުން އެ ކޮމިޓީން ވަނީ ބާކީތިބި 8 މެންބަރުންނާ އިންޓަރވިއުކޮށްފައެވެ. އެގޮތުން ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ، މުހައްމަދު ފަރުޝަތު، ހ. ޓޫހަރޓްސް، ސަފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ، އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، އިބްރާހިމް މުހައްމަދު، ގ. ވިންޑް، މޫސާ ރިޟުވާން، މ. ހާވިލާ، ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580 އަދި މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ އާ ވަނީ އިންޓަރވިއުކޮށްފައެވެ.
އެ ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރައްވާއިރު، އެ ތިން މެންބަރުން އައްޔަން ކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއު މަރުހަލާ ނިންމާ، ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.
ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން ހަތަރު މެންބަރުން މިހާރުވަނީ އޮޓަމެޓިކުން އިންތިހާބުވެފައެވެ. މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.