ޚަބަރު ރާއްޖެ

ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ: މިނިސްޓަރ

ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު މިވަނީ ކުޑަކުރަން ޖެހިފައި ކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރއާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން އިންތިޒާމުކޮށްގެން އިއްޔެ ހުޅުމާލޭގައި ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުވައިދެއްވާ ވާހަކަދައްކަވަމުންނެވެ.

 

މިނިސްޓަރ ވިދާޅުވީ ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ އަދި ގައުމެއްގެ ނިސްބަތުގައި އެ ގައުމެއްގެ ގައުމީ ސަލާމަތާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އަދި ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ދަނޑުވެރިކަން ކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ ދަނޑުވެރިކަމުގެ މުހިންމުކަން މިހާރު މިވަނީ ކުރިއަށް ވުރެ ބޮޑުވެފައި ކަމަށެވެ.

 

''ކާނާގެ ޔަގީންކަމާއި ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު މިވަނީ ކުޑަކުރަން ޖެހިފަ. މި ކަމުގަ އެންމެ ކުރީ ސަފުގައި ތިބީ ހީވާގި ދަނޑުވެރިން އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް''

 

މީގެއިތުރުން ދަނޑުވެރިކަން މިއަދު މިވަނީ ފުޅާވަމުންގޮސް ބިންކުޑަ ތަންކޮޅުގައި ވެސް ކާބޯތަކެތި އުފެއްދޭ ގޮތް ވެފައި ކަމަށާއި މިއަދު ރާއްޖޭގެ ބައެއް ގޭގައި އަމިއްލަ ބޭނުމަށް ފުދޭވަރަށް ވުރެ އިތުރަށް ފަތްޕިލާވެލީގެ ތަފާތު ވައްތަރުތަކާއި، މިރުހާއި އަދި މޭވާގެ ވައްތަރުތައް ބައެއް ފަރާތްތަކުން ހައްދާކަން ފާހަގަކުރެއްވިއެވެ.

 

މިނިސްޓަރު ވަނީ އެއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ގަސްހެއްދުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފުރިހަމަކަމެއް ގެނެސްދޭ ކަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައެވެ. އަދި ގުދުރަތީ ފެހިކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނެސްދޭ ކަމަށާއި ގޭގައި ކާބޯތަކެތީގެ ގަހާއި މާގަސް ހެއްދުން އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަމުން ދިއުމަކީ އުފާވެރިކަމެއް ކަމުގައި ވިދާޅުވިއެވެ.

 

ލޯކަލް ގަވަރމެންޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ބިމުގެ ޖާގައިގެ ދަތިކަމާއެކު ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކީ ވެސް ބަގީޗާތަކުން ޒީނަތްތެރި ކުރެވިފައިވާ މާހައުލަކަށް ބަދަލުކޮށްލުމަށް ގޮވާލެއްވިއެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް