ރާއްޖޭގައި ބާއްވާ ކެރަމް ވަރލްޑް ކަޕް އިޝްތިހާރުކުރުމަށް ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
"ކެރަމް އިން ފްރޭމްސް" ނަމުގައި ބާއްވާ މި މުބާރާތާއިގުޅޭގޮތުން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ވިދާޅުވީ މިއީ މި މުބާރާތުގެކުރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ މެދުގައި ކެރަމްއަށް އޮތް ލޯބި ދައްކުވައިދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހުޅުވާލި މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެހެން ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވާން ނުޖެހޭ ކަމަށް ވެސް ވިދާޅުވެއެވެ.
މީގެއިތުރުން ކެރަމްގެ ރޫހާއި އެ ކުޅިވަރަށް އޮތް ލޯބި ކެމެރާގެ ލެންސްގެ ޛަރިއްޔާއިން އާއްމުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމުގައި ސީއޭއެމް އިން ހާމަކުރައްވައެވެ.
"މި މުބާރާތުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ."
ސީއޭއެމް އިން އިތުރަށް ވިދާޅުވީ ފޮނުވާ ފޮޓޯ އަކީ ކޮންމެހެން ކެމެރާއަކުން ނަގާފައިވާ ފޮޓޯއަކަށް ވާން ނުޖެހޭ ކަމަށާއި ސްމާޓް ފޯން ބޭނުންކޮށްގެން ނަގާ ފޮޓޯ ވެސް ބައިވެރިކުރެވޭނެ ކަމަށެވެ. އަދި ބައިވެރިވެވޭނީ "ކެރަމް އިން ފްރޭމްސް" ގެ ތީމަށް ފެތޭ ގޮތަށް ވަކިވަކިން ތަފާތު ފަސް ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ފޮޓޯ ޕޯސްޓުކުރަން ވާނީ CarromInFrames, #CarromWC2025 #CarromWorldCup ހޭޝްޓެގާއެކު ކެރަމް ވޯލްޑް ކަޕް @carromworldcup އަދި ކެރަމް އެސޯސިއޭޝަން @carrom_mv ގެ މީސްމީޑިއާ އެކައުންޓް ޓެގުކޮށްފައި ކަމަށް ވެސް ހާމަކުރައްވައެވެ. އަދި އިންސްޓަގްރާމް އާއި ފޭސްބުކް ފޮލޯ ކުރަންވާނެ ކަމަށް ވެސް ސީއޭއެމް އިން ވިދާޅުވެއެވެ.
ފޮޓޯތައް ވަޒަންކޮށް މާކްސްދިނުމުގެ މިންގަނޑު ތެރޭގައި ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން، ލައިޓިންގ، ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވައިދޭ މެސެޖު/އަސަރު އަދި މުބާރާތުގެ ތީމާ ގުޅޭ މިންވަރު ހިމެނެއެވެ. އަދި މި ހުރިހާ ފޮޓޯއަކީ ވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކަށް ވާން ޖެހޭނެއެވެ.
މި މުބާރާތުގެ ވަނަތަކާއި އިނާމްތައް ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައާއި އެންމެ މޮޅު 10 ފޮޓޯ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން އެންމެ މޮޅު 10 ފޮޓޯގެތެރޭގައި ހިމެނޭ ފޮޓޯތައް އާއްމުންނަށް ފެންނާނެހެން ބެހެއްޓުމަށް ނިންމާފައިވާއިރު، އެއްވަނަ އިނާމަކަށް ކެރަމް ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތަށް ވީއައިޕީ އިންވިޓޭޝަނާއި މުބާރާތުގައި ބޭނުންކުރާ ރަސްމީ ކެރަމް ބޯޑެއް އަދި ތަފާތު އެތައް އިނާމެއް ލިބެއެވެ.
ދެވަނަ އަދި ތިންވަނަ އިނާމުގެ ގޮތުގައި ކެރަމް ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ކެރަމް ބޯޑަކާއި އިތުރު އިނާމުތައް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވެ ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެންބަރު މަހުގެ 16 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 11 ޖަހަންދެންނެވެ.
އަންނަ ޑިސެމްބަރ މަހުގެ ކުރީކޮޅު މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއީ ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްއެވެ. އެހެންކަމުން މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.