ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފިއެވެ.
މިއީ އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ރާއްޖެ ހަމަޖައްސައި އެމް.އެމް.ޕީ.އާރު.ސީ/ވިޒިޓް މޯލްޑިވްސް އިން އެކަން ހާމަ ކުރެއްވީ، މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާ ހަމަސްދުވަހަށް ކުރިއަށް ގެންދަވާ، ބައިނަލްއަގްވާމީ ކެމްޕޭނެއްގެ ފެށުމެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށް، އެލް.އެފް.ސީ ޕާޓްނަރޝިޕްގެ ދަށުން ވިޒިޓް މޯލްޑިވްސް އިން ވަނީ މާރިޗު 27 ވަނަ ދުވަހު އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް ފައްޓަވާފައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް މި ހަރަކާތް ކުރިއަށްދާއިރު، އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރެވޭނެއެވެ.
މި ކެމްޕެއިނަށް ހާއްސަކޮށް ބްރޭންޑްކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީއާއި ބަސްތަކާއި، ލަންޑަން އަންޑަރގްރައުންޑާއި ބޮޑެތި އެއަރޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވާނެއެވެ. އަދި އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަމާޒަކީ ރާއްޖޭގައި ވެސް ހައި ޕަރފޯމަންސް ޓްރެއިނިންގ، ނުވަތަ މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ. އަދި ލީޑްސް ޔުނިވަރސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާ ވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުން ރެޑް ވޭއާއި އެލް.އެފް.ސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް، ޖޮއިންޓް މާކެޓިންގ އިނީޝިއޭޓިވްސް، ނުވަތަ ދެފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގެވުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.
މިދަތުރުފުޅުގައި، ޓޫރިޒަމް އެންޑް އެނަވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް މިނިސްޓަރ ޢަބްދުالله ރަފީޢުއާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.