"ހޮޅުދޫ ބޯޓް" އިން ގެއްލުނު ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ކުރަމުން އަންނަކަމުގައި އެ އިދާރާ އިން ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ "ހޮޅުދޫ ބޯޓް" ރޭ ދަންވަރު 2:07 ހާއިރު އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަަމަށެވެ. އަދި އެ ބޯޓުން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑުން ކުރަމުން އަންނަކަަމަށެވެ.
އެ ބޯޓުގައި އަލިފާން ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށްނެވެ. 18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެރޭ 9:07 ގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައިވާ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައިވާއިރު، މި މަސައްކަތުގައި ތ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަން އެމްއެންޑީއެފް އިން ފާހަގަކުރައްވައެވެ.
އެ އިދާރާ އިން ވަނީ ކޯސްޓްގާޑް ޝިޕް ޣާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއަރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެމްއެންޑީއެފް އިން ވަނީ ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި އިތުރަށް ސަމާލުކަމެއް ދިނުމަށް ވަނީ އެދިލައްވާފައެވެ.