ޚަބަރު ރާއްޖެ

އިލްމު އުނގެނިފައިވާ މީހެއް މަގުފުރައްދާކަށް ޝައިޠާނާއަށް ފަސޭހައެއް ނުވާނެ: ހުތުބާ

ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް ބާތިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

އެހެންނަމަވެސް އިލްމު އުނގެނިފައިވާ މީހެއް މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އޭނާއަށް ލިބިފައިވާ އިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެކަމަށް ވަނީ ބުނެފައެވެ.

 

މީގެއިތުރުން މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ އިރުޝާދުފުޅުތަކަށް ތަބާވެ، ދީނުގެ އިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ބާރު އަޅާފައެވެ. އަދި އެކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަނެ، އެއިން ދުނިޔެއާއި އާހިރަތުގެ މަގު އާރާސްތުކުރުމަށް ވެސް ބާރުއަޅާފައެވެ.

 

"އިލްމުން އަމިއްލަ ނަފުސާއި، އަނބިދަރީންނާއި، އަވަށްޓެރީންނާއި، މުޅި އިންސާނީ މުޖުތަމައަށް އަމާންކަމާއި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދިނުމާއެކު، އިލްމު އުނގެނި، އެއާ އެއްގޮތަށް ޢަމަލުކޮށް، މާތް الله ރުއްސަވާ މަގަށް ރުޖޫއަވޭ."

 

"ޢިލްމު އުނގެނުމުގެ މާތްކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަދި އެކަމެއްގެ ސަބަބުން މާތް ﷲގެ ލޯބި އެމީހަކަށް ލިބިގެންދާކަމެއް ކަމުގައި ވެސް ފާހަގަކޮށްފައެވެ. އަދި އިލްމު ލިބިގަތުމަކީ އެމީހެއްގެ ޝަރަފާއި، މާތްކަމާއި، މަތުވެރިކަމާއި އޭނާގެ ދަރަޖަ އިތުރުކުރައްވާކަމެއް ކަމުގައި ބަޔާންކޮށްފައި ވެއެވެ.

 

ހަމަމިއާއެކު މާތް ﷲއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގްވާވެރިވާ މީހުންނަކީ އިލްމު އުނގެނި، އެ އުނގަންނައިދޭ މީހުން ކަމަށާއި އިލްމު އުނގެނުމަކީ މަތިވެރި މަގާމެއް ލިބިގެންވާ އަޅުކަމެއް ކަމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް