ޚަބަރު ރާއްޖެ

ސައުދީއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް: ރައީސް

ސައުދީ އަރަބިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިންނެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތާނގައި ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް ވެސް އެދިވަޑައިގެންނެވިއެވެ.

 

މީގެއިތުރުން ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާ، ރައީސް ޑރ. މުޢިއްޒު ވަނީ މިދިޔަ މެއި މަހު އުމްރާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީގެ ހަނދާންތައް އައުކުރައްވާފައެވެ.

 

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެފަރާތުން ވެސް ދެއްވަމުންނެވެ. ރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު ޚާރިޖީގުޅުން ގާއިމުކުރީ17 މާރިޗު 1981 ގައެވެ. މިއަހަރު މި ގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ.

 


  • ސައުދީ އަރަބިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް