ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވައިފައިވާއިރު، ޒަކާތްދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތަތްކަށް ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ހުތުބާގައި ބުނީ މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަމަށެވެ. އަދި ޒަކާތާ ބެހޭ ޝަރުއީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް ވަނީ ގޮވާލާފައެވެ.
"ފަރުޟު ޒަކާތާއި އިޤްތިސާދާއި ހުރި ގުޅުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހްސާންތެރިކަމެއްނޫންކަން ހަނދާންކޮށްދީފައެވެ. އަދި ދީން ބާރުއަޅަނީ ހަލާލު މަސައްކަތުން ރިޒުގު ހޯދުމަށްކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.
"ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކަށް ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްގުވެރީންނަށް އަދާކޮށްދިނުމަށް."
މީގެއިތުރުން އިސްލާމީ ރިވެތި އުސޫލަކީ ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން އަނެކާއަށް އެހީތެރިވުންކަން ވެސް މިއަދުގެ ހުތުބާގައި ހަނދާންކޮށްދިނެވެ.