މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެރިވުމަށް ހުތުބާގައި ގޮވާލައިފިއެވެ.
"ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ" މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް ވެސް ގޮވާލާފައެވެ. އަދި އޭނާގެ ނިކަމެތިކަމާ ހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި ތިމާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދިނުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ.
"މާތްމީހާގެ ވައުދު އަވަހަށް ފުއްދާނެ. ބަޚީލުމީހާ ބުނާނީ މާދަން އައުމަށް. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ސަރީހަ ޖަވާބުދިނުން ހެޔޮކަން ބޮޑު."
މީގެއިތުރުން މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށާއި ދުނިޔެއަކީ ދެމިހުރުން ހުރިތަނެއް ނޫން ކަމަށާއި ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެއްކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ. އަދި އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާކަން ވަނީ ހަނދުމަކޮށްދީފައެވެ.
ދުނިޔެމަތީގައި އެންމެ ނުބައި މީހަކީ އެމީހެއްގެ ގައުމު ހަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި އެއްބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަމަށް ވެސް ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާއި ހުތުރުބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ގައުމު އެއްގަލަކަށް ނޭރުވޭނެކަމަށެވެ.