ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ މެއި މަހު ހަވާލުކުރަން ފަށާނެކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ގޯތި ދިނުން ލަސްވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ކަމަށެވެ. އަދި ޕްލޭނަށް ބަދަލު ގެނެސް ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި ރަޖިސްޓްރީތައް ހަވާލުކުރަން ފަށާނަން. މިކަން ކުރާނީ އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް"
މީގެއިތުރުން ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ހަރަދުކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް 400 މިލިޔަން ޑޮލަރު ހަރަދުވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ގުޅީފަޅުގައި އަސާސީ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތަނުގައި މީހުން އާބާދުވެ، ދިރިއުޅެން ފަށާއިރު މަދުވެގެން 600 މިލިޔަނެއްވުރެ ގިނައިން ހަރަދުވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.